Monday, December 1, 2008

ރިސޯޓުތައް ކުއްޔަށްދޭ މުއްދަތު 35 އަހަރަށް ވުރެ އިތުރު ކޮށްގެން ނުވާނެއެވެ

މިލިޔުމުގެ ބޭނުމަކީ ރިސޯޓުތައް 50 އަހަރަށް ކުއްޔަށް ދިނުމުގެ މައްސަލައިގާ ހުއްޖަތެއްގެ ގޮތުގައި ދައްކާ ވާހަކަތަކަށް އިލްމީ ގޮތުން ކުރުކޮށް ރައްދު ދިނުމަށް ދިވެހި ދަރީން ތައްޔާރުކޮށް ލޯހުޅުވާ ދިނުމަށް އެހިތެރިވެ ދިނުމެވެ. ދަރީންނޭވެ! ތިންބާރު ވަކިކޮށް އިންތިޚާބުތަކުގައި ގިނަ ކެންޑިޑޭޓުން ވާދަކޮށްގެން ދައުލަތުގެ ވެރިން އިންތިޚާބުކުރެވުނަސް އަދި ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއި އަދުލު އިންސާފު ގާއިމެއް ނުކުރެވޭނެއެވެ.
ރައްޖޭގެ ވިޔަފާރިވެރިން އަދި ރިޒޯޓުވެރިން ވަރަށް މަކަރުވެރިގޮތެއްގައި ރިޒޯޓުތައް ކުއްޔަށްދޭ މުއްދަތު 35 އަހަރުން 50 އަހަރަށްް ހެދުމަށް ދައްކަމުންދާ ވާހަކަ ތަކުގެ ތެރޭގައި ދައްކާ އެއްވާހަކައަކީ މުއްދަތު ކުރުވުމުގެ ސަބަބުން އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓު ކުރަން ޖެހިލުން ވާ ވާހަކައެވެ. މިއީ ކަނޑައެޅިގެން ހަދާ ދޮގެއް ކަމަށާއި، އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމުގައި ދަންނަވަމެވެ. ވިޔަފާރިއާއި އިގުތިޞާދީ އިލްމުގެ އަލީގައި ދަންނަވަނީ ނަމަ ދިވެހިރައްޔިތުންނަށް ދަންނަވަން އޮތީ އެންމެ ވާހަކައެކެވެ.
އެވާހާކަޔަކީ މުޅިދުނިޔޭގައިވެސް އިންވެސްޓްމަންޓް ފައިނޭންސް ހޯދުމުގެ ގޮތުން ފައިނޭންސަރުންނަށް ހުށަހަޅަން ތައްޔާރުކުރާ ވިޔަފާރި ނުވަތަ ބިޒްނަސް ޕްލޭން ތަކުގައި ހިމެނޭ އެންމެ ދިގު އިންވެސްޓްމެންޓް ރިކަވަރީ ޕީރިއަޑަކީ ވަރަށް ނާދިރު ފަހަރެއްގައިި ނޫނީ 15 އަހަރު ދުވަހެވެ. މެދުމިނުގެ ޕްލޭން ތަކުގައި އައްމުގޮތެއްގައި ހިމެނޭނީ 5 އަހަރާއި 10 އަހަރާއި ދެމެދެވެ. ކުރުމުއްދަތުގެ ޕްލޭންތަކަކީ 5 އަހަރުން ދަށުގެ މުއްދަތެވެ.
އިންވެސްޓްމަންޓް ރިކަވަރީ ޕީރިއަޑް ގިނަވެގެން 15 އަހަރަށްް ވުރެ ދިގުވާ ނަމަ އުސޫލެއްގެ ގޮތުން ފައިނޭންސަރުން ނުވަތަ އިންވެސްޓަރުން ބަލަން ޖެހޭނީ އެއީ ފީސިބްލް ނުވަތަ ވަޔަބަލް ވިޔަފާރި ޕްލޭންއެއް ނޫންކަމުގައެވެ.
މިހެން މިކަން އޮތް އިރު މިހާރު ރާއްޖޭގެ ރިޒޯޓު ކުއްޔަށްދޭ މުއްދަތަކީ 35 އަހަރެވެ. އޭގެ މާނައަކީ އިންވެސްޓްމަންޓް ރިކަވަރީއަށް 15 އަހަރު ކެނޑުމަށް ފަހު ސާފު ސީދާ ފައިދާގައި ރަށްް ހިންގުމަށް ރިސޯޓް ވެރިޔާއަށް އިތުރަށް 20 އަހަރު އެބަ ލިބެއެވެ. ދެން މިހެން އޮތްކަމެއްގައި ރިޒޯޓު ކުއްޔަށްްދޭ 35 އަހަރުގެ މުއްދަތު ކުރުވެގެން އިންވެސްޓް ކުރަން ބިރުން އުޅެނީ ކޮންބޭންކަކުންތޯ ނުވަތަ ކޮން ފައިނޭންސަރަކުތޯ ނުވަތަ ކޮން ވިޔަފާރިވެރިޔަކުތޯ ބަލަފައި އެމީހަކާއި ބެހޭ މައުލޫމާތު ދުނިޔޭގެ ނޫސްތަކަށް ދެއްވަންވީ ނޫންތޯއެވެ. ދިވެހިރައްޔިތުންނަކީ ގަމާރު ތަންދަޮރު ނޭގޭ ބަޔެކޭ ހިތާ ދަރިފަސްކޮޅަށް ދައުލަތުގެ ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ދަމަހައްޓަން މަސައްކަތް ކުރިޔަސް ތިވަރު ތަންކޮޅެއް ބޮޑެވެ. ދޮގުހަދާ އޮޅުވާލިޔަސް ތިވަރު ތަންކޮޅެއް ބޮޑެވެ.
ރައީސް މުހައްމަދު ނަޝީދުއަށް ކަނޑައެޅިގެން ދިވެހި ވިޔަފާރިވެރިންނަކީ އެއްވެސް ހާލެއްގައި ދައުލަތަށް ޓެކްސް ދައްކާ ބައެއް ނޫންކަން އެގި ވަޑަައިގަނެއެވެ. އެކަމަކު އެމަނިކުފާނުގެ ސަރުކާރުގެ ހުރިހާ ދިމާލެއްގައި ތިބީ ވިޔަފާރިވެރިންނެވެ. ވަރަށް މަކަރުވެރި ގޮތެއްގައި ފިލައިގެންނާއި، އެކި ސިފަސިފައިގެ މޫނުމަތިތައް އަޅައިގެންނެވެ. ރައީސް މުހައްމަދު ނަޝީދު އަދި މިފެންނަނީ އާއްމު މަސްލަހަތު ދޫކުރައްވާ ޚާއްސަ މަސްލަހަތު ރައްކާކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ދިވެހި ވިޔަފާރިވެރިންނަކީ ޒަމާނަށް ނުފެތޭ ވަރަށް ގޮތެއް ފޮތެއް ނެތް ބަޔެކެވެ. ދައުލަތަށް އެއްވެސް ޓެކްސް އެއް ނުދައްކާ ވިޔަފާރިކުރާ ބަޔެކެވެ. ފޭރޭ ބޮޑެތި ވަގުންގެ ދަރަޖައިގައި ހިމަނަން ޖެހޭ ލަދުހަޔާތް ކުޑަބަޔެކެވެ.
މިމީހުންގެ ޖައްބާރުކަމުން ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކާއި ޚިލާފަށް ރައްޖޭގައިވަނީ ޓެެކްސް ނަގާނެ ޒަމާނާއި ގުޅޭ އެކަށީގެންވާ ނިޒާމެއް ގާއިމު ނުކުރެވިފައެވެ. އެކަމުގެ ސަބަބުން ގައުމުގެ ތަރައްގީއަށާއި، ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތް ދިނުމަށް ދަނީ ނުހަނު ބޮޑެތި ހުރަސްތައް އެޅެމުންނެވެ. މިމީހުން އިމްޕޯޓު ޑިއުޓީއަށް ދައްކާއެއްޗަކާއި، ފިހާރަކުއްޔާއި، ގޭގެ ޚަރަދު ބަރަދާއި، މުވައްޒަފުންގެ މުސާރައާއި، ކަރަންޓު ބިލާއި ފެންބިލާއި އޮންނަނީ އާއްމުންނަށްް ވިއްކާ އެތީގެ އަގަށްލާ ހަމަޖައްސާފައެވެ. ޓުުއަރިޒަމުންނަމަ ބެޑްޓެކްސް އަކީ ޓުއަރިސްޓުން އަތުން އެކަމަށް ވަކިން ނަގާފަ ދައްކަން ޖެހޭ އެއްޗެކެވެ. ވިޔަފާރިވެރިންނާއި ރިޒޯޓުުވެރިން ދައުލަތަށް ދައްކާ އެއްވެސް އެއްޗެއް ނޯވެއެވެ.
މިފަދަ ގޮތްކުޑަ ބަޔަކު ހަދާދޮގުތަކުގައި އަހަރެމެން ޖެހިގެންނުވާނެއެވެ. އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ޓެކްސް ނެގުން ގާއިމު ކުރެވުމުގެ ކުރިން ރިސޯޓުތައް ކުއްޔަށްދޭ މުއްދަތު 35 އަހަރަށް ވުރެ އިތުރު ކޮށްގެން ނުވާނެއެވެ. ދިވެހިދަރީންނޭވެ! ރައްޔިތުންނޭވެ! ހުރިހާސިފައެއްގައި، ހުރިހާ ރަށަކުން އެންމެން މިކަމާއި ދެކޮޅަށްް ތެދުވެ އަޑު އުފުލާށެވެ.