
ގޮޅާ މޫވީސް ޕްރޮޑަކްޝަންސް މިވެރިން ނިމިގެންދަނީބާ....
އާދެ ރާއްޖެތެރޭގެ ރަށް ރަށުގެ ވެރިންނާއި އަތޮޅުވެރިންނާއި އެރަށެއްގެ ނުވަތަ އެއަތޮޅެއްގެ ވޯޓަކުން އިންތިހާބުކުރާ ބަޔަކަށްވެއްޖެނަމަ ރައްޔިތުންނާއި ވެރިންނާއި ދޭތެރޭގައި ހިގަމުންމިދާ އަރާރުން ކުޑަކުރެވި ރަށްރަށުގެ ތަރައްގީގެ ދުވެލި މިހާރަށްވުރެ ބާރު ސުޕީޑެއްގައި ކުރިއަށްދާނެކަންމިއީ ޝައްކެއް ހުރިކަމެއްނޫނެވެ. އަދި ރައްޔިތުން އެދޭގޮތަށް ވެރިން ކަންތައްތައް ކުރެއްވުމަށް ވަރަށްބޮޑަށް މިކަމުން މަގުފަހިވެގެންދާނެއެވެ. 4 އަހަރު ނުވަތަ 5 އަހަރުވުމުން އަނެއްކާވެސް ވެރިންހޮވަން އިންތިހާބެއް ބާއްވައިގެން ވެރިން ހޮވާނީއެވެ. ރަށުގެ ވެރިކަމުގާ ނުވަތަ އަތޮޅުވެރިކަމުގާ ދެމިހުންނަން އެދޭބޭފުޅަކަށް އެމަގާމުގައި ދެމިހުރެވޭނީ ރައްޔިތުން އެދޭނަމައެވެ. ރައްޔިތުންގެ ކުރިމަތީގައި މަގުބޫލު ބޭފުޅަކަށްމެނުވީ ވެރިކަމަކަށް ނާދެވޭނެއެވެ. ކަތީބުންނާއި އަތޮޅުވެރިން ހިތަށްއެރިހާ ގޮތަކަށް ރައްޔިތުންނާއި މެދުއަމަލުކުރަން އުދަގޫވާނެއެވެ. އަދި ވެރިންނާއި ރައްޔިތުންގެ ގުޅުން ބަދަހިވެގެން ހަރުދަނާވެގެންދާނެ އަދި ކޮރަޕްޝަނާއި ހިޔާނާތާއި މަގާމާއި ބާރުގެ ނުފޫޒުން ކަންތައްކުރެއްވުމަށް ވަރަށްބޮޑަށް ހުރަސްއެޅިގެން ދާނެއެވެ.
ދިވެހި ކޮންމެ ރައްޔިތަކުވެސް ގަބޫލްކުރައްވާނޭ ފަދައިން ރާއްޖެތެރޭގެ މަދުރަށެއްފިޔަވާ އެހެން ހުރިހާ ރަށެއްގެ ވެރިންނާއި އަތޮޅު ހިންގަވަންތިއްބެވި ބައެއް ވެރިންނާއި ރައްޔިތުންނާއި ދެމެދު ވަރަށް ބޮޑަށް ދެކޮޅުވެރިކަން ހިގަމުންދެއެވެ. “އެވެނި ރަށެއްގެ ކަތީބަކު އެތައްބައިވަރު ފައިސާއަކުން ހިޔާނާތްތެރި ވެއްޖެ، އެތައްމުދަލެއް ބޭނުންކޮށްފި.” މިއީ އަބަދާ އަބަދުހެން ކެޑިނޭޅި ރާއްޖެތެރޭގެ އެތައްމިތަނުން އިވެމުން ފެންނަމުންދާ ތެދުހަގީގަތެކެވެ. މިހާތަނަށް ރާއްޖެތެރޭގެ ހުރި ހުރިހާރަށެއްހެން ތަރައްގީކުރުމުގައި އެންމެބޮޑެތި ގުރުބާނީތަކެއްވެފައިވަނީ އެރަށް ރަށުގެ ކިޔަމަންތެރި ރައްޔިތުންނެވެ. އެހެންނަމަވެސް މިއަދު އޮއިވަރު ބަދަލުވެއްޖެއެވެ. ކަތީބުންތައް ދައްކާވާހަކަތައް އަޑުއަހަނީ މަދުމީހެކެވެ. ވާނީވެސް އެހެންނެވެ. ކުރިން ރައްޔިތުން ރަށުއޮފީސް ދޮށަށްއެއްކޮށް މާދަމާ ރައްޔިތުން މިވެނި މަސައްކަތެއްކުރަން ރައްޔިތުން ބަންދޭބުނެ މަސައްކަތް ކުރުވިޔަސް މިއަދަކު އެހެނެއްނުވާނެއެވެ.
ރަށްރަށުގެ ތަރައްގީއަށްޓަކާ ރައްޔިތުން އެތަށްދުވަހަކު ރަށު ބަންދުވެގެން އެތައް މަސައްކަތެއްކުރިޔަސް ވެރިންނާއި ސަރުކާރު މުވައްޒަފުންގެ މުސާރައިން ލޯލާރިއެއްވެސް ރައްޔިތުންނަށްޓަކާ ހަރަދެއްނުކުރެއެވެ. އަބަދުވެސް ކަތީބުންނަށްލިބޭ ބައިވަރު މަދުވެގެން އިތުރުބައިވަރު ހޯދަން އެދުވަސްވަރު ރައްޔިތުންގެ ޝަކުވާތައްމަދުކަން ފާހަގަކުރެވޭ ދިވެހިރައްޔިތުންގެ ބައިތުލްމާލުން ބޮޑެތިހަރަދުތައް ބޭކާރުގޮތުގައި ކުރަމުންދާއިރު ރައްޔިތުންވަނީ އަސާސީބޭނުންހޯދަށް ގުދުބިންދައިގެން ދާވަރަށް ހިލޭސާބަހަށް ކަތީބުން އަންގާލާއިރަށް މަސައްކަތް ކުރަންހެއްޔެވެ. ކަތީބުން ހިތުހުރިހާ ގޮތެއްހަދަމުންދާއިރު އޭރުދެކޮޅަށް މަދުމީހަކަށްމެނުވީ ބަހެއްބުނާކަށެއް ނުކެރެއެވެ. ބަހެއްބުނެފިމީހަކަށް އެތަށްއަހުވާތަކެއްދޭކަންމީ ތެދުހަގީގަތެކެވެ. ރައްރަށުގެ ކަތީބުން ބޮޑެތި ދޮގުހަދައިގެން އެދުވަސްވަރު ދެކޮޅުޖެހުނުނަމަވެސް މިއަދަކު ދެކޮޅު ޖެހޭކަށެއްނެތެވެ. އެއިރަށްވުރެ މިއަދު ރައްޔިތުން މާބޮޑަށް ހޭލުންތެރިވެއްޖެއެވެ. މިއަދުވެސް ރާއްޖެތެރޭގެ ގިނަ ވެރިން ސާބިތުވެފައިވާ ގިނަ ހިޔާނާތްތަކާއި މިނޫންވެސް އެތަށް މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. ނަމަވެސް ރައްޔިތުންނަށް އެވެރިން ވެރިކަމުން ދޫކުރެވޭނެ އެއްވެސް ގޮތެއްނެތެވެ. އެތަށް ރައްޔިތުންނެއް ވެރިންގެ ޝަކުވާތައްކުރާއިރުވެސް ގިނަފަހަރަށް އަޑުއަހަން ތިބޭފަރާތްތަކުންދޭނީ ބީރުކަންފަތެކެވެ. މިއީރާއްޖެތެރޭގެ ރަށްރަށުގައި މީހުން ދިރިއުޅޭ އެކިއެކި ރައްޔިތުންނަށް މިއަދު ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ.
އާދެ ބައެއްރަށްރަށުގައި ރައްޔިތުން މަސައްކަތު ނުނިކުންނުމުން ބޮޑެތި އަދަބުދީ ފައިވެއެވެ. އަންހެނެއް ފިރިހެނެއްނެތެވެ. ވުމާއިއެކު ގައިގާ ޖަހާފައިވާ ބިއްސެއް އެތެރެ ގޯސްވެ ދޮސްއެރި ފާވެފަޅައިގެންގޮސް ފަސޭހަކުރަން އުދަގޫވާ ފާޑުގެ ފާރުގަނޑަކަށް ވާހެން މިއަދު ރާއްޖެތެރޭގެ ރައްރަށުގެ ހާލަތުވަނީ ވެފައެވެ.
އާދެ އަތޮޅު ކޮމެޓީއާއި ރަށުކޮމެޓީތަކަކީވެސް މިދެންނެވި ފަދަގޮތަކަށް އުފެދިފައިވާ ބައެކެވެ. އަތޮޅު ކޮމެޓީގެ ރައީސް ނުވަތަ އަތޮޅުވެރިޔާ ހިންގަވަން ހުންނެވި އެންމެ އިސްމީހާކަމަށްވާއިރު އެކޮމެތީގެ މެންބަރުންނަކީ އެރަށްރަށުގެވެރިންނާއި އަތޮޅުވެރިންގެ ރައްޓެހިންނެވެ. އަތޮޅުގެ ރައްޔިތުންގެ ނަމުގައި ހުންނަހާ މުދަލާފައިސާތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ ވެރިންގެ ބާރުގެދަށުގައެވެ. އަތޮޅުކޮމެޓީގައި މިދެންނެވިފަދަ މެންބަރުންތިއްބެވުމުން އަތޮޅުކޮމެޓީ ރައީސް ބޭނުންވާހާގޮތަކަށް ކަންތައްކުރަމުން ދިއުމާއި އަތޮޅުކޮމެޓީގެ ނަމުގައި ހިތަށްއެރިހާގޮތަކަށް ކަންތައްތައް ކުރައްވާއިރު އެކަމާ ދެކޮޅަށް ތެދުވަންކެރޭ މެންބަރަކު ނުހުރެއެވެ. ވަޒީފާގެއްލިދާނެތީ ބިރުން ނުވަތަ މަގާމު ކުރިއެރުމާއި މިނޫންވެސް އެކިއެކި ނާޖާއިޒް ކޮންމެވެސްފައިދާތަކެއް ލިބޭތީ ނުވަތަ ލިބުމަށްއެދޭތީ އެބޭނުމުގައެވެ. އަތޮޅު ކޮމެޓީއަށް މެންބަރުން އައްޔަން ކުރައްވަނީ އަތޮޅުވެރިޔާއެވެ. ނުވަތަ އެވަގުތަކު އަތޮޅު އޮފީސްހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިއެކެވެ. ދެންއޮތީ ރަށު ކޮމެޓީތަކެވެ. އެކޮމެޓީގެ ރައީސަކީ އެރަށެއްގެ ކަތީބަކު ނުވަތަ އެރަށެއްގެ އެވަގުތު ހިންގެވުމާއި ހަވާލުވެހުންނެވި ވެރިއެކެވެ. މިކޮމެޓީއަށް މެންބަރުން ކަޑައެޅިގެންދަނީ އަދިމާފައްކާގޮތަކަށެވެ. މިސާލަކަށް ރައްޔިތުންގެ ވޯޓަކުން މެންބަރުންގެ މެދުގައި ހަމީހަކު ކަޑައެޅޭއިރު އެރަށެއްގެ 4،3 ކަތީބުންނާއި އަތޮޅުވެރިން އައްޔަންކުރާ 3 މީހުންނާއި އަންހެނުންކޮމެޓީގެ ރައީސާގެ އިތުރުން ކުރިން ރަށްރަށުގެ މެޖިސްޓްރޭޓްންވެސް އޮޓޮމެޓިކުން މިކޮމެޓީއަށް އައްޔަން ކުރެވޭނެ ބައެކެވެ. ވުމާއެކު ރައްޔިތުންގެ ފަރާތުން މިކޮމެޓީއަށް ކަޑައެޅޭ މެންބަރުންނަށްވުރެ އެތަށްގުނައެއް އެވެރިންގެ މެންބަރުންއިތުރުވެ ގެންދެއެވެ.
އަދި ރައްޔިތުންގެ ފަރާތުން މިކޮމެޓީއަށް ކަޑައެޅިފައިވާ މެންބަރުންގެ ތެރެއިން މީހަކު ފާޅުކުރާ ހިޔާލަކާމެދު ކޮމެޓީގެ ރައީސް ހިތްފުޅާ ހަމަނުވެއްޖެނަމަ އަތޮޅުވެރިންނަށް ދަންނަވައިގެން އެމީހަކު ކޮމެޓީއިން ބޭރުކޮށް އޭނާގެ ބަދަލު ކަތީބުނޫން އެހެންމީހަކު ސިއްރުސިއްރުން އެކޮމެޓީގެ މެންބަރަކަށް ހަމަޖައްސަވައެވެ. ކަތީބަށް މަދަހަސަނާ ކިޔާމީހަކަށް ނޫނީ އެމެންބަރުކަމެއް ނުދެއެވެ. އަދި އެންމެދެކޮޅު ނުޖެހޭ އެއްކަމަކީ މުޅިންވެސް މިކޮމެޓީއަށް ހުށަހެޅެނީ ރަށުއޮފީހުން ހުށަހަޅާ މައްސަލަތަކެއް ކަމަށްވާތީއެވެ. މެންބަރަކަށް މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު އޮންނަނީ ވަރަށް މަދުފަހަރަކު އެވެ. ކޮމެޓީއިން ފާސްކުރާ ކަންކަމުގާ އަތޮޅުވެރިޔާ އެއީ އެކޮމެޓީގެ މުއައްސަސާކަމަށްވާތީވެ އޭނާގެ ރުހުން ލިބިގެންނޫނީ އެކަމަށް އަމަލުކުރެވޭނެ ގޮތެއްނޯވެއެވެ. ވުމާއެކު ރަށު ކޮމެޓީތަކުގައިވެސް ފުރިހަމަ ކޮންޓްރޯލް އޮންނަނީ ވެރިންގެ އަތުގައެވެ. އަދި ހަމައެހެންމެ ރައްޔިތުންގެ ފަރާތުން މިކޮމެޓީތަކުގައި ތިއްބަވާ މެންބަރުންނަށްވުރެ އެމީހުންގެ މީހުން އިތުރުވުމުގެ ސަބަބުން މައްސަލަތައް ނިމިގެން ދަނީވެސް އެވެރިން ބޭނުންވާހާ ގޮތަކަށެވެ. މިހެންވުމުން ރައްޔިތުންގެ އެއްވެސް ބާރެއް މިކޮމެޓީގައި ނެތްއިރު މިކޮމެޓީތަކުގައި ރައްޔިތުންގެ ފަރާތުން ތިއްބަވާ މެންބަރުންނާއި ރައްޔިތުންނާދެމެދު ވަރަށް ބޮޑު ހަމަނުޖެހުންތަކެއް އުފެދިގެން ދާކަމީވެސް ހަގީގަތެކެވެ. އާދެ މިހާރަކަށްއައިސް ރައްޔިތުން ބާރުގަދަކުރުވުމުގެ ވާހަކަ ދެކެވެމުން އިވެމުން އެބަދެއެވެ.
އަތޮޅު ކޮމެޓީއާއި ރަށުކޮމެޓީތަކުގެ ބަދަލުގައި އަތޮޅު ކައުންސިލާއި ރަށުކައުންސިލް އުފައްދާވާހަކައެވެ. އެކައުންސިލްތަކަށް ގާނޫނީ ބާރުތައްދިނުމާއި ފައިސާ ދިނުމުގެ ކަންތައް ތަނަވަސްކޮށްދިނުމާއި، ރަށްރަށާއި އަތޮޅުތަކުގެ އެންމެބާރުގަދަ ފަރާތަކީ މިކައުންސިލްތަކަށް ހެދުމަށް މަގުފަހި ކުރައްވަމުންދާކަމުގެ ވާހަކަތަކެއްވެސް އިވެމުންއެބަދެއެވެ. އަދި ހަމައެހެންމެ އެކައުންސިލް ތަކަށް މެންބަރުން ކަޑައެޅިގެންދާނީވެސް ސީދާ ރައްޔިތުންނަށް ކަޑައެޅިގެންދާނީވެސް ސީދާރައްޔިތުންނަށް ހުޅުވާލެވިފައިއޮންނަ ވޯޓަކުންކަމަށާއި، ރަށާއި އަތޮޅު ތަރައްގީގެ އެންމެހައިކަންތައްތައް ރާވައިހިންގެވުމުގެ ހުރިހާ އިންތިޒާމުތަކެއް ބާރަކާއި އިހްތިޔާރުތަކެއް މިކައުންސިލްތަކަށް ދޭވާހަކަވެސް މިދަނީ ގޮވެމުންނެވެ. އަދި މިކައުންސިލްތަކަށް ސީދާކޮށްވިޔަސް ނުސީދާކޮށްވިޔަސް ވެރިންގެ ނުފޫޒު ނުފޯރުވޭފަދަ ގޮތަކަށް މިކައުންސިލްތައް އުފެދިގެންދާނީ ސީދާކޮށްވިޔަސް ނުސީދާކޮށްވިޔަސް ވެރިންގެ ނުފޫޒެއްނުފޯރުވޭފަދަ ލާމަރުކަޒީ އުސޫލުންވިޔަސް މިއީ އަތޮޅުތައް ތަރައްގީކުރުމަށް އެޅޭވަރަށް ބޮޑުފިޔަވަޅެއްކަމަށްވެސް އިގެއެވެ.
އެންމެފާހަގަކޮށްލެވޭ އެއްކަމަކީ މިކައުންސިލްތަކަށް އޮޓޮމެޓިކުން މެންބަރުން ކަޑައެނޭޅޭގޮތް މިފަހަރު އޮތުމެވެ. އެހެންކަމާއެކު މިކައުންސިލްތަކުގައި ތިއްބަވާނީ ސައްތައިންސައްތަ ރައްޔިތުންގެ މެންބަރުންނެވެ. އާދެ މިގޮތަށް ރާއްޖެތެރޭގެ އަތޮޅުތައް ހިންގަންފެށުމުން އަނެއްކާ އަތޮޅުވެރިންނާއި ކަތީބުންނަށްވާނީ ކިހިނެއްބާވައެވެ. މިއީ ހިތުގައި އުފެދޭ ވަރަށްބޮޑު ސުވާލެކެވެ. ވުމާއިއެކު ރައްރަށުގެ ކަތީބުންނާއި އަތޮޅުވެރިންގެ އިތުރުން އަތޮޅު އޮފީސްތަކުގެ ޒިންމާދާރު އެހެނިހެންވެރިންވެސް ދައުރުހަމަވުމުން އަލުންއިންތިހާބު ކުރާގޮތަށް ހަމަޖެހިގެން ދިއުންއެއީ ވަރަށް މުހިންމުކަމެކެވެ. އޭރުން މިހާރު އުފެދޭކަހަލަ މައްސަލަތައް އުފެދުމަށް ހުރަސްއެޅި ވެރިންނާއި ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިވެ އަތޮޅުތަކާއި ރައްރަށުގެ ތަރައްގީއަށް އިތުރު ކޫސަނިކަން އަންނާނެއެވެ. އެދުވަސްވަރު އަޅުގަނޑުގެ މިގަލަމުން ފާޅުކުރެވުނު މިހިޔާލުއެއީ ކަމުނުދާ ހިޔާލަކަށްވިޔަސް މިއަދު މިވާބޮޑުންގެ ބޮލަށްވެސް ހަމައެހިޔާލު ވަދެއްޖެކަން ހަމަފެނެއެވެ. ރައްޔިތުންގެ ފަރާތުން ކުރިމަތިވަމުންދާ ފިއްތުންތަކުންނަމަވެސް ނުވަތަ އަމިއްލަ ފުޅަށް ފެނިގެންމަވެސް މިއަދު މިވަނީ ކުލަވަރު ބަދަލުވާން ފަށާފައެވެ. މާތްﷲ ދިވެހި ރައްޔިތުންނަށް އިތުރު ވިސްނުންދެއްވާ ރައްޔިތުން އެދޭފަދަ ބަޔަކު ރައްޔިތުންގެ ވެރިންގެ ގޮތުގައި ތިބުމުގެ ހެޔޮތައުފީގު ދެއްވާށިއެވެ. އާމީން.
No comments:
Post a Comment